މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި އަނެއްކާވެސް ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ، މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ރޭގެ ދަންވަރުން ފެށިގެން ޕަންޕްތައް ބަހައްޓާފައިވާ ކަމަށެވެ. އަދި ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަންޕް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ގަޑިތަކުގައި މާލެއަށްވެސް އަންނަނީ ބޯކޮށް ވާރެވެހެމުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުން ފެށުމުން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. އަފި މި ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ. މިވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދީއްތައިގެ ފަހުންނެވެ.



