ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށް ހަދާ ”ހޯޕް އައިލެންޑް“ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
”ހޯޕް އައިލެންޑް“ ކުރިން ތަރައްގީ ކުރުމަށް ނިންމީ ދ. ވާނީ ގައެވެ. ނަމަވެސް މިހާރު އެތަން ތަރައްގީ ކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ބަޔަކު ހަމަޖެހިފައިވާ ކަމަށާއި އެ ފަރާތާއެކު ޓޫރިޒަމް މިނިސްޓްރީން ބައްދަލުވުންތައް ކުރިއަށްގެންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޯޕް އައިލެންޑް ތަރައްޤީކުރުމުގެ ކޮންސްޓްރަކްޝަން މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށެވެ.
”ހޯޕް އައިލެންޑް ވެގެންދާނީ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއަރ ފެސިލިޓީއަށް. ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ.“ މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
މިހާރު ނިންމާފައިވާ ގޮތުންނަމަ އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.




