އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު 2020ގެ އިންތިހާބަށް ވުރެ މިފަހަރުގެ އިންތިހާބުގައި 550 މެމްބަރުން މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
ގާނޫނުގައި ކުރިން އޮންނަނީ، 3،000 އަށް ވުރެ މަދު އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށްވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށް، ތަސްދީގުކޮށްފައިވާއިރު އޭގައިވާ ގޮތުން 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ.
އެއަށްވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ގާނޫނުގައި ވަނީ ލާޒިމު ކޮށްފައެވެ.
މިއާއެކު އަންނަ އޭޕްރީލް މަހުގެ 4 ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ހޮވާނީ 681 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މުޅި ރާއްޖެއިން ހޮވާނީ 681 މީހުންނެވެ. އެއާ އެކު ދެ އިންތިހާބުގައި ޖުމްލަ ހޮވަން ޖެހޭނީ، 1362 މީހުންނެވެ.




