ބިދޭސީއަކު ކަނޑުމަތީގައި މަރުވެފައި އޮއްވާ އަނެއްކާވެސް ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:17 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އަދި މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ދާދި ފަހުން ވެސް ވަނީ، ކަނޑުމަތީގެ ހާދިސާއެއްގައި ބިދޭސީއަކު މަރުވެފައެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) އެވެ.
އޭނާ ކަނޑަށް ވެއްޓިފައިވަނީ އެ ދުވަހު 12:48 ހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށާއި އަދި އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން އެއިރު ވިދާޅުވެފައިވެއެވެ. އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން ވަނީ އެނގިފައި.
ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު 13:32 ހާއިރެވެ.



