މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން މަސްތުވާތަކެތި ފެނިފައިވާއިރު، އެ ތަކެތީގެ ބަރުދަނަކީ 377.39 ގްރާމު ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މޫސާ ޝަހީމް އާއި ޙުސައިން ޝަރުވާން އަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ނިޝާ ރައި އަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލާގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.




