ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އެވިއޭޝަން ސަރވިސަސްއިން ބުނެފިއެވެ.
އެކުންފުނިން މި މަސައްކަތް ކުރަމުންދަނީ ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އިންޓަރނޭޝަނަލް އެއަރލައިންތަކަށް ޚިދުމަތް ދެމުން އަންނަ އެއާޕޯޓެވެ. ޕްރައިވެޓް ޖެޓުތައް ޖައްސަމުންދާ އެއް އެއާޕޯޓަކަށް މާފަރު އެއާޕޯޓްވާއިރު، އެއާކްރާފްޓްތަކުގެ ޕާކިންގއަށް އޭޕްރަން ބޮޑުކޮށް މިހާރުވަނީ ހުޅުވާފައެވެ.
އެ އެއާޕޯޓު ވަށައިގެން ގިނަ ރިސޯޓުތަކެއް ވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ނ.އަތޮޅާއި، ރ.އަތޮޅު އަދި ބ.އަތޮޅުގައި 10000އަށްވުރެ ގިނަ އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، މިއީ އެއާޕޯޓު ތަރައްޤީކުރުމަށް ލިބިގެންދާ ބާރެކެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ކުރިމަގުގައި އުޖާލާ އެއާޕޯޓަކަށް ވެގެންދާނެކަމަށެވެ. ސަބަބަކީ އެއާޕޯޓު އޮތް ސަރަޙައްދުގެ ގޮތުން ލިބޭ އެޑްވާންޓޭޖްކަމަށް އޭނާ ވިދާޅުވިއެވެ.
”އެއާޕޯޓު ވަށައިގެން 10000އަށްވުރެ ގިނަ ބެޑްސް އެބަހުރި. އެހެންވީމަ މުސްތަޤުބަލުގައި އެ ރިސޯޓުތަކަށްދާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ނުގޮސް ސީދާ މިކޮޅަށް ގެނެވޭނެ ގޮތަކަށް މިމަސައްކަތް ކުރަމުންދަނީ.“ ސަލީމް ވިދާޅުވިއެވެ.



