މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމާ ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތްދެވެގޮތަށް ގާއިމްކޮށްފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭ އިން މިހާރު ވަނީ ހުއްދަވެސް ދީފައި ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އެ ފެސިލިޓީން ފުވައްމުލައް ރައްޔިތުންނަށް މަސްގަނެ ޕްރޮސެސް ކުރަން ފަށާނެ ކަމަށް މިފްކޯއިން މައުލޫމާތުދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފުވައްމުލަކުގައި ގާއިމް ކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.
މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ވަނީ ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާފައެވެ. މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާފައިވާއިރު މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.


