ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ.
އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ.“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ބުނެފައި ވެއެވެ.



