ވިލިމާލޭގައި ސްކޭޓް ޕާކަކާއި ހިތްފަސޭހަ މައިޒާނެއް ހަދައި ތަރައްޤީކޮށް ބެލެހެއްޓުމުގެ ޚިދުމަތް ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސްކޭޓްޕާކާއި ހިތްފަސޭހަ މައިޒާން ތަރައްޤީ ކުރުމަށް ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުހައިމިން ނަޞީރު އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އޮފް ޕްރޮޖެކްޓްސް އެންޑް އެސެޓްސް މުޙައްމަދު އިޙްސާން ވަހީދުއެވެ.
މާލެ ސިޓީކައުންސިލުން ބުނީ ސްކޭޓްޕާކާއި ހިތްފަސޭހަ މައިޒާން، ވިލިމާލޭގައި ތަރައްޤީ ކުރަން ކައުންސިލުން ނިންމާފައި ވަނީ، ވިލިމާލެ ފެރީޓަރމިނަލް ސަރަހައްދުގައި އޮތް އައުޓްޑޯ ޖިމް އަދި ޕާކް ހިމެނޭ ބިމުގައި ކަމަށެވެ.
މި ދެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ ސްކޭޓް ޕާކާއެކު މި ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ވިލިމާލޭގެ ޒުވާނުންނާއި ތުއްތު ކުދިނަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.
”އަދި ހިތް ފަސޭހަ މައިޒާނަކާއެކު، ވިލިމާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ ވިލިމާލޭގައި ދިރި އުޅޭ ރައްޔިތުން އުފާކޮށް އެމީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމުގެ މަގްސަދުގައި.“ މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
ސްކޭޓްޕާކާއި ހިތްފަސޭހަ މައިޒާން ތަރައްޤީ ކުރުމަށް ކައުންސިލުން ފާސްކޮށްފައި ވަނީ 22 އޮކްޓޯބަރ 2025 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 217 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.



