ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އާ ޗެއާމަނަކަށް އަހުމަދު ސިއްދީގް އިއްޔެ އައްޔަންކޮށްފިއެވެ.
އެންޑީއޭގެ އެންމެ އިސްވެރިޔަކަށް ސިއްދީގު އައްޔަނު ކުރެއްވާފައި މިވަނީ، މިދިޔަ އަހަރުގެ ޖޫން 13 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި ލުބްނާ ޒާހިރު ހުސައިން މީގެ ދެ މަހެއްހާ ދުވަސް ކުރިން ފޮރިން މިނިސްޓްރީ އަށް ބަދަލުކުރެއްވުމުން މަގާމު އެ ހުސްވެފައިވާތީއެވެ. އެންޑީއޭގެ ޗެއާމަނަކަށް ސިއްދީގު އައްޔަނު ކުރެއްވިއިރު އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލް ކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް ފިޔަވަޅު އެޅުމާއި މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގާ ހަރުކަށި އަމަލުތަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުން ފަދަ ކަންކަމެވެ.
މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެ މީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމައު އަށް ނެރުމަކީ އެންޑީއޭގެ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ.



