ކުށްތަކަށް އަރައިގަންނަ ފުލުހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ މީހުންނަށް އެ ހިދުމަތުގައި ޖާގަ ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވެފައިވަނީ ކުޅެން ގެންގުޅޭ ބެއާ އެއްގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން، ތ. ވަންދޫއަށް އެތަކެތި އެތެރެ ކުރަން އުޅެނިކޮށް އިއްޔެ ފުލުހަކު ހައްޔަރު ކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން، ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ވެސް ބުންޏެވެ.
މިކަމާ ގުޅޭގޮތުން ސީޕީ ވިދާޅުވީ ޖިނާއީ އެފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ހިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.




