”ޕޭމަންޓް މޯލްޑިވްސް“ ގެ ނަމުގައި ކުންފުންޏެއް އެމްއެމްއޭއިން އުފައްދައިފިއެވެ.
މި ކުންފުނި އިފްތިތާހުކޮށްފައިވަނީ މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި އެ ކުންފުނި އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
އެމްއެމްއޭއިން ބުނީ ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށް ކަމަށެވެ.
އަދި އެ ކުންފުނި ވެގެންދާނީ ދިވެހިރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
މީގެ އިތުރުން ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާ މައިގަނޑު މުއައްސަސާއަށް ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.



