މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙުކޮށްފިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިކަމަށްޓަކައި މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި އެ ބޭންކުގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ ( އެން.އެފް.އައި.އެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެން.އެސް.އެފް.އާރ) އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ތަޢާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކޮށް، އެ ޚިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަޤުޞަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕުން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތަޢާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް ވުނަކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި “ ޕޭމަންޓް މޯލްޑިވްސް“ ވެސް މިއަދު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
މި ކުންފުނި އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.



