ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ 3 އަހަރުގެ ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެގްރީމެންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤްއެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްއަކީ ގައުމީ ފިރިހެން، އަންހެން، އަދި ޔޫތު ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސަރއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެފްއޭއެމްއާއެކު ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރއަށް ގައުމީ ބެންކު ހަމަޖެހިގެން ދިޔުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
”އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް ގެނެސްދިނުން.” ޝަރީފް ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕެއް ގާއިމުކުރަން ނިންމުމުގެ ސަބަބުން ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.



