މިދިޔަ މަހު ޝްރީ ލަންކާއަށް އެރި ތޫފާން ދީތުވާގެ ސަބަބުން އެ ޤައުމުގެ އިމާރާތްތަކާއި ދަނޑުވެރިކަމާއި އަސާސީ އިންފްރާސްޓްރަކްޗާއަށް ލިބުނު މާއްދީ ގެއްލުމުގެ އަގު 4.1 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
މިހާތަނަށް ލަންކާއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު އެއް ގުދުރަތީ މި ކާރިސާގައި 640 އަށް ވުރެ ގިނަ މީހުން މަރުވެ، އާބާދީގެ 10 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް އެކި ގޮތް ގޮތުން ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެގޮތުން މި ތޫފާނުގެ ސަބަބުން ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ވެސް ވަނީ ހިނގައިފައެވެ.
މި ކާރިސާއާ ބެހޭގޮތުން ވޯލްޑް ބޭންކުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މި ގެއްލުންތަކުގެ އަގު ކަމަށް އަންދާޒާކޮށްފައިވާ 4.1 ބިލިއަން ޑޮލަރަކީ ލަންކާގެ ގައުމީ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓު ކަމަށެވެ.
ވޯލްޑް ބޭންކުގެ ގްލޯބަލް ރެޕިޑް ޕޯސްޓް-ޑިޒާސްޓާ ޑެމޭޖް އެސްޓިމޭޝަން (ގްރޭޑް) ރިޕޯޓުގައިވާ ގޮތުން މި ގެއްލުންގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަގުތަކާއި، ބްރިޖްތަކާއި، ރޭލްވޭ އަދި ފެން ސަޕްލައި ނެޓްވޯކް ފަދަ އިންފްރާސްޓްރަކްޗާ އަށެވެ. އެއީ ޖުމްލަ، 1.735 ބިލިއަން ޑޮލަރެވެ.
މީގެއިތުރުން ގެދޮރަށް ވެފައިވާ ގެއްލުން، ޖުމްލަ ގެއްލުމުގެ 24 ޕަސެންޓް ހިއްސާކުރާ ކަމަށާއި އެ ގެއްލުންތަކުގެ އަގު 985 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެއެވެ.




