ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޤަތަރުގެ ޤައުމީ އެއާލައިން، ޤަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ޤަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުالله ހަލީލްއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު އާއި ޤަތަރު އެއާވޭސްގެ ނެޓްވޯކް ސްޓޭޝަންގެ ނައިބު ރައީސް ޕައުލް ލުސިއަން އާއި ޤަތަރު އެއާވޭސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން ޤަތަރު އެއާވޭސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 162 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޤަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓް، QR674 އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ގަތަރު އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޤަތަރުގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެމްބަރު 2001 ގައެވެ.
ޤަތަރު އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.



