ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ 10ގެ ކުރިން ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތް ފޮނުވާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމާލެވޭނެ ކަމަށެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗަރތައްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝަފީޢު ވިދާޅުވީ މިދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކުރާއިރު އެ މަސައްކަތްތައްވެސް ނިންމުމަކީ އަމާޒެއްކަމަށެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.



