އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ލުޔެއް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާއި އެޗުޑީސީއިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދައާ ނުލައި އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނިންމައިފިއެވެ.
އެގޮތުން އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ރަޖިސްޓްރީ ބާތިލުކުރުން އަދި ވެރިފަރާތް ބަދަލުކުރުމުގައި ދޭން ނިންމާފައިވާ ލުއިތައް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
އެހެންކަމުން ރެޖިސްޓްރޭޝަން މަރުހަލާގައި ދެން ހުށަހަޅަން ޖެހޭނީ އުޅަނދު ބާއްވަން ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި ގަރާޖުގައި އުޅަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެވެ.
އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ވެސް ލުއިތަކެއް ދިނުމަށް ޓްރާންސްޕޯޓުން ވަނީ ނިންމާފައެވެ.
އެގޮތުން ގަރާޖު ލާޒިމްކުރުމުގެ ކުރިން (2009 ވަނަ އަހަރުގެ ކުރިން) ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އޭގެ ފަހުން ވެސް ސައްހަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާ ނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލު ކުރެވޭނެއެވެ.
އަދި ސައްހަ ގަރާޖަކާ އެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނަމަ ވެރިފަރާތް ބަދަލުކުރެވޭނީ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު ގައެވެ.




