ބޮޑު ޗުއްޓީއާ ދިމާކޮށް ފުލުހުން ހިންގާ ”ރިވެލި އޮޕަރޭޝަން“ މާދަމާ ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ އޮޕަރޭޝަން މާދަމާ ރެއިން ފެށިގެން ޖެނުއަރީ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން މިއަހަރުގެ އޮޕަރޭޝަން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ކައިރީގައި ހުރި ރިސޯޓްތަކުގައި ވެސް ހިންގާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
”މި އޮޕަރޭޝަނުގައި އަޅުގަނޑުމެން ހާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން އަދި މާލޭގައި މި ހިންގާ ކުށްތައް އިތުރަށް މަދުކުރުމަށްޓަކައި އިތުރު ފުލުހުން މާލެ ތެރޭގައި ހަރަކާތްތެރިވަމުންދާނެ“ ޝަރީފް ވިދާޅުވި އެވެ.
އެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނަމަވެސް އެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނިގޮތުގައި މާލެ ސަރަހައްދުގައި މިއަހަރު 3،000 އަށް ވުރެ ގިނަ މައްސަލަތައް ރިޕޯޓްކުރި އިރު އޭގެ ތެރެއިން ބޮޑު ބަޔަކީ ވައްކަމުގެ މައްސަލަތަކެވެ.



