ދީފައިވާ ހުއްދައާ ހިލާފަށް މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުން އަންނަ ކަން ހާމަކޮށްފައެވެ.
އެ ބަޔާނުގައި ވަނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި މޫސުން ގޯސްވެ، މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައިވާ ދުވަސްތަކުގައި ވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބިފައިވާކަން ފާހަގަކޮށްފައެވެ.
އެގޮތުން އެ ކަމާގުޅިގެން އެ ކަންކަން ބަލައި މަޝްރޫއުތައް މޮނިޓާ ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
ހަމައެހެންމެ ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އީއާރްއޭން ވަނީ ބުނެފައެވެ.
މީގެ އިތުރުން މަޝްރޫއުތައް ހިންގާ ފަރާތްތަކުން އެ އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) އާއި ދޫކޮށްފައިވާ އެހެން ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށް އީއާރްއޭން ވަނީ އެދިފައެވެ.



