ފެނަކަ ކޯޕަރޭޝަނުން އިސްނަގައިގެން ’ލޭފަވެތި ފެނަކަ‘ ގެ ނަމުގައި ލޭ ހަދިޔާކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ.
ފެނަކައިން މިއަދު ބުނީ އެ ކުންފުނިން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލޭ ހަދިޔާކުރުމުގެ ޤައުމީ ކެމްޕެއިން، ’ލޭފަވެތި ފެނަކަ‘ ފަށާފައި ވަނީ މިއަދު ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަނީ’ލޭ ހަދިޔާކުރުން މުޅި ރާއްޖެއިން’، މި ޝިޢާރުގެ ދަށުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މި ކެމްޕެއިން އިފުތިތާޙުކޮށްދެއްވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އާއި ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމް އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް، އަހްމީމް ފާރިޝް އަދި ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާދަމް ތައުފީޤެވެ.
ފެނަކައިން ބުނީ މާލޭ ސަރަހައްދުގެ އިތުރުން އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދެމުންދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ރާވާފައިވާ އެ ކެމްޕެއިނަކީ ލޭ ހަދިޔާކުރުމަށް ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކެމްޕެއިން ކަމަށެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހުން ފެށި މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
އަދި އެ ކެމްޕެއިނުގައި ހެޑް އޮފީހުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައިވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
މީގެއިތުރުން މި ކެމްޕެއިނަކީ ލޭ ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ތަނަވަސްކޮށް، ތެލެސީމިއާ ބައްޔަށް ފަރުވާކުރާ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން، އޮޕަރޭޝަން ކުރުމަށް ލޭ ބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމަށް ލުއިފަސޭހަ މަގެއް ހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމުގައި ފެނަކައިން ބުނެފައި ވެއެވެ.



