ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާދަމް ތައުފީގް އެވެ.
މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ ސޮއި ކުރާ ތާރީހުން ފެށިގެން 20 ހަފްތާގެތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުމަށެވެ.
ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިމިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ އަގަކީ 11.4 މިލިޔަން ރުފިޔާ އެވެ.




