އިންޑިއާގެ ބިހާރުގެ ޗީފް މިނިސްޓަރު ދާދި ފަހުން މުސްލިމު އަންހެން ޑޮކްޓަރެއްގެ ނިގާބް (މޫނު ބުރުގާ) ބޭލުވި ހާދިސާއާ ގުޅިގެން، ސަރުކާރުން ދިން އެ ވަޒީފާ ގަބޫލު ނުކުރަން އެ ޑޮކްޓަރު ނިންމައިފިއެވެ.
އާޔޫޝް ނަމަކަށް ކިޔައި އެ ހޮސްޕިޓަލާ އަލަށް ގުޅޭ ޑޮކްޓަރުންނަށް ވަޒީފާގެ ސިޓީ ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ މި މަހުގެ 15 ގައެވެ. އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަދި ބިހާރުގެ ޗީޕް މިނިސްޓަރު ނިތީޝް ކުމާރު ވަނީ، މުސްލިމު އެ ޑޮކްޓަރު ކަމަށްވާ ޑރ. ނުސްރަތު ޕަރްވީންއަށް އެ ސިޓީ ހަވާލު ކުރަމުން، އޭނާ އަޅައިގެން ހުރި މޫނު ބުރުގާ ތިރިއަށް ދަމާލައި އެންމެންނަށް މޫނު ހާމަ ކޮށްފައެވެ.
މިނިސްޓަރު ނިތީޝްގެ މި ވިޔާނުދާ އަމަލުގެ ސަބަބުން އެތައް ބަޔަކު އޭނާއަށް ފާޑު ކިޔައި އެ އަމަލު ކުށްވެރި ކޮށްފައިވެއެވެ. ނަމަވެސް ނިތީޝް ދިން އިންޓަވިއުއެއްގައި ވެސް ބުނެފައިވަނީ އެއީ ”އެވަރު ކަމެއް ނޫން“ ކަމަށާއި އޭނާ ”ހަމަ މަޖާކޮށްލީ“ ކަމަށެވެ. ކުރެވުނު ކަންތަކާ އޭނާގެ މޫނުމަތިން ކުޑަކޮށްވެސް ލަދުވެތިކަމެއް ނެތްއިރު، އެކަމަށްޓަކައި މާފަށް އެދިފައެއް ވެސް ނުވެއެވެ.
މި ހާދިސާގެ ސަބަބުން ކުރި އަސަރުން ޑރ. ނުސްރަތު ވަނީ ސަރުކާރުން ދިން އެ ވަޒީފާއަށް ނުނިކުންނަން ނިންމާފައެވެ. އަދި ޑިއުޓީއަށް ނިކުންނަން ތާވަލު ކުރި ދުވަސްތަކުގައި، އޭނާ ޑިއުޓީއަށް ވެސް ނިކުމެފައެއް ނުވެއެވެ.
ޑރ. ނުސްރަތުގެ އާއިލާއިން ބުނި ގޮތުގައި، މި ހާދިސާގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ކުރި އަސަރުން އޭނާ މިހާރު ވަނީ އެ ސްޓޭޓް ވެސް ދޫކޮށް އެހެން ސްޓޭޓަކަށް ދުވަސްކޮޅަކަށް ގޮސްފައެވެ.



