ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކަށް ރޭގައި ބަޔަކު އަނިޔާކޮށް، އެމީހާ މޫދަށް އެއްލާލައި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތްދަށުވެ، އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި އެމީހާ ބިންމައްޗަށް ވައްޓާލައިގެން ބައެއް މީހުން އޭނާގެ ގައިގާ ތަޅާއެވެ. އަދި އޭނާ ބިން މައްޗަށް ވައްޓާލައިގެން، ދަމާ ކޫއްތާފައި މޫދާ ދިމާލަށް ގެންދިޔުމަށްފަހު، ސޭފްޓީ ބޫޓަކަށް އަރައިގެން ހުރި މީހަކު ވައްކަންކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ އަތަށް އަރައި ފިއްތާލާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ. އަދި އެއަށްފަހު ދެން ފެންނަނީ އޭނާ މޫދަށް އެއްލާލައި މަންޒަރެވެ.
މި މައްސަލައާ ބެހޭގޮތުން ނޫސްވެރިން ރޭގައި ސުވާލު ކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ، މިފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވަމުން ދިޔުމުން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައިވެސް އޮފިޝަލު ވިދާޅުވިއެވެ.
ވައްކަމުގެ ތުހުމަތު ކުރެވިގެން މިފަދައިން މީހުންނަށް އާންމުން އަނިޔާކޮށް، ހަނގާކޮށް ހެދުމަކީ މިހާރުވަރަށް ގިނައިން އާންމުވަމުން އަންނަ ކަމެކެވެ.



