ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައި، އަލުން އެކުގައި ސިޔާސީ މަސައްކަތް ކުރުމަށް ނިންމަވައިފިއެވެ.
ރައީސް ޞާލިޙާއި ނަޝީދު ބައްދަލުކުރައްވައިފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި އެ ދެ ބޭފުޅުންނަށް ތާއިދުކުރާ ފެކްޝަން އުފެދުނު ގޮތަށް، އަނެއްކާވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް ވާދަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ކައުންސިލް އިންތިޚާބުގެ އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، މާލޭ ސިޓީ މޭޔަރު ކަމުގެ ޓިކެޓް ހޯއްދަވަން ރައީސް ޞާލިޙް ތާއީދުކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމް ކުރިމަތިލައްވާފައިވެއެވެ. ރައީސް ނަޝީދު ތާއިދުކުރައްވަނީ، ޓިކެޓަށް ދެން ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށެވެ.
އެ ކެމްޕެއިން ހޫނުވެ، ދެ ކެންޑިޑޭޓުން އެކަކު އަނެކަކަށް ތުހުމަތުތައް އަމާޒުކޮށްފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު ރައީސް ޞާލިޙް ވަނީ ރައީސް ނަޝީދާ ބައްދަލުކުރައްވާނެކަން ހާމަކުރައްވައިފައެވެ.
އެގޮތުން ދ. ކުޑަހުވަދޫގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރައީސް ޞާލިޙް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދާ ބައްދަލުކުރައްވާނެ ކަމަށެވެ.
މި ދެ ރައީސުން މިއަދު ބައްދަލު ކުރެއްވިނަމަވެސް، އެ ބައްދަލުވުމާ ގުޅޭގޮތުން އަދި އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.


