ވަޒީފާގެ ބިރު ދެއްކުމުގެ މާހައުލު ނައްތާލުން މުހިންމުކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިނިވަންކަމާއެކު މަސައްކަތްކޮށް އެކަށީގެންވާ އުޖޫރަ ލިބުމަކީ އިންސާނާގެ ކަރާމާތާ ގުޅިފައިވާ ކަމެއްކަމަށާއި، އަޅުވެތިކަމުން ސަލާމަތްވެގެންވާ އަދި އިންސާނާގެ ކަރާމާތް އުފުލިގެންވާ މާހައުލެއް ޤާއިމުކުރުމަށް ތިމާގެ ހަލާލު މަސައްކަތުން ފައިމައްޗަށް ތެދުވުމަށް ބާރުވެރިކަން ހޯދައިދޭންޖެހޭކަމަށެވެ. އަދި ރާއްޖެއަކީ ވަޒީފާގެ ބިރުދެއްކުމުގެ މާހައުުލު ނެތްގައުމަކަށް ހެދުމަށް ކުރަންޖެހޭ މުހިންމު ކަންތައްތައް ފާހަނގަކޮށްފައި ވެއެވެ.
”ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު ނެތް ގައުމަކަށް ހެދުމަށް، ދައުލަތުގެ ވަޒީފާއަދާކުރާ ފަރާތްތަކަށް އޮންނަ ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު އެންމެ ފުރަތަމަ ނައްތާލުމަކީ އެހެން ހުރިހާ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ މާހައުލު ނިމުމަކަށް ގެނައުމަށް ކޮންމެހެން މުހިއްމު ކަމެއްކަމަށް މި ޕާޓީން ދެކެން“ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި، މިނިވަންކަމާއި ފަރުދީ ހައްގުތައް ހޯދުމުގެ އިސްލާހީ ހަރަކާތުގެ ތެރެއިން މަސައްކަތްތެރިންގެ ހައްގުގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް ހާސިލުކުރެވިފައިވާކަން ފާހަނަގަކޮށްފައި ވެއެވެ. އެހެންނަމަވެސް، ވަޒީފާ ނުލިބިވާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާދިއުމަކީ އެ ޕާޓީގެ ނުހަނު ބޮޑު ކަންބޮޑުވާކަމެއް ކަމަށް ބުނެފައި ވެއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގު ދިފާއުކުރުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައި ވެއެވެ.



