ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ނާސަރީ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި ނާސަރީ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.
މިނިސްޓަރ ޠާރިޤް ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާ ކުރާ ނާސަރީގެ މަސައްކަތް މިމަހުގެ 30ގައި ހުޅުމާލޭގައި ފަށާނެ ކަމަށާއި އެ ނާސަރީގެ ބޭނުމަކީ ރާއްޖެއިން ބޭރުން ގެންނަ ގަސް އިންދައިގެން ބޮޑުކޮށް ރަށްރަށަށް ފޮނުވުން ކަމަށެވެ. އަދި އެކަމަށް ޚާއްސަ މީހުން ބިނާ ކުރުމަކީވެސް ނާސަރީ ތަރައްޤީ ކުރުމުގެ ބޭނުމަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ޠާރިޤް ވަނީ މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ނާސަރީ ހެދޭނެ ރަށްތައް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންދާކަމަށްވެސް ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީ ކުރާ މި ނާސަރީގެ މަސައްކަތް ކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފައެވެ.
ހުޅުމާލޭގައި ތަރައްޤީކުރާ މި ނާސަރީއަކީ 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެކެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިތަނުގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެ ކަމަށެވެ.




