މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ”އަލިމަގު“ ގެ ދަށުންމިހާތަނަށް 193 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 34 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން އެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިދިޔަ މަހު ފުލުހުން ފެށި އޮޕަރޭޝަން އަލިމަގު އަދިވެސް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަނުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 193 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފާތިހު ވިދާޅުވިއެވެ.
ފާތިހު ވިދާޅުވީ އޭގެ ތެރެއިން 71 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އަދި 34 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޮޕަރޭޝަން އަލިމަގަކީ ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް މި މަހުގެ 13 ވަނަ ދުވަހު ހެނދުނު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ. އަދި އެ އޮޕަރޭޝަނުގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެެއެވެ.



