އިދިކޮޅު އެމްޑީޕީއާއެކު ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ހިއްސާއެއް އޮތުމަކީ އެންމެ އެދެވޭ ގޮތް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްއާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ދެ ރައީސުންވެސް މިހެން ވިދާޅުވީ މިއަދު އެމްޑީޕީ އޮފީހުގައި ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ޤައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީނާއެކު ވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއެކު ވެސް އެމްޑީޕީން މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ.
”ޔާމީނާއެކު ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ. ރައީސް މައުމޫނުގެ އަރިހުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރީމެންނޫންތޯ. ކުރެވޭނެ. އަޅުގަނޑުމެންނަށް ފެންނަނީ އެ މަގު ހޯދޭނެހެން. މިހާރު ގައުމު މިއޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް އައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އޮންނަން އެދޭ ކަމެއް،“ ރައީސް ޞާލިހް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު ހުންނެވީ ކުރީގެ ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ފަޅީގައި ކަމަށާއި، އަދި ރައީސް ޞާލިހު ހުންނެވީ މިހާރު މާލެސިޓީގެ މޭޔަރު އާދަމް އާޒިމްގެ ފަޅީގައި ކަމަށްވާއިރު، ލޯކަލް ކައުންސިލު އިންތިހާބު ނިމުމުން އަނެއްކާ ވެސް ހިޔާލު ތަފާތުވެދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދާއި ރައީސް ޞާލިހު ވެސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް އިންތިހާބު ނިމުމާއެކު އެމްޑީޕީ ކުރިއަށް ދާނެ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ބައިބައިވުންތަކެއް އުފެދޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ޞާލިހް ވިދާޅުވިއެވެ.



