ޖަމްޢިއްޔަތުލް ސަލަފާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ޚާއްސަ ދަރުހެއް މާދަމާރޭ ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
”ފޭރާން“ މި މައުޟޫއަށް ހާއްސަކޮށްގެން މާދަމާ ރޭ ބާއްވާ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ.
ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ (މާދަމާ ރޭ) 08:30 ގައި ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީން ވެސް ވަނީ އެދިފައެވެ.
އާންމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ބާއްވާ މި ދަރުސް ”ދާރިސް ޓީވީ“ އިން ލައިވްވެސް ކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މިއަހަރު ނިމުމާ ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ. އެފަދަ ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އެ ޖަމިއްޔާއަށް އެއްބާރުލުން ދީފައިވެއެވެ.


