މީގެ ހަތަރު އަހަރު ކުރިން، ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާ ލިބުނު އެއިރު އުމުރުން 17 އަހަރުގެ ކުއްޖާ 12 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފިޕއެވެ.
މި ހާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އުމުރުން 13 އަހަރުގެ އެ ކުއްޖާ ރަހީނުކޮށް، އޭނާ މަރާލުމަށްފަހު ފޮށްޓަކަށްލައި، ހުޅުމާލޭ ފޭސް 2 ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާއެވެ.
އޭނާއަށް މިހާރު 21 އަހަރު ވެފައިވީނަމަވެސް މި ހާދިސާ ހިނގިއިރު އޭނާއަށް 18 އަހަރު ފުރިފައިނުވާތީ އޭނާގެ ތަފްސީލާއި ވަނަވަރު އާންމުކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ ކުއްޖާގެ މައްޗަށް އެ ހުރިހާ ދައުވާތަކެއް ސާބިތުވާތީ އެ ކުއްޖާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން ގަސްދުގައި މީހަކު މެރުމުގެ ކުށުގައި 16 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ހުކުމުގައި އެ ކުއްޖާއަށް އަންގާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި 11 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް ޖުވެނައިލް ކޯޓުން އިއްވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، މީގެ އިތުރުން އެ މައްސަލާގައި އިތުރު މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާތީ އެ މައްސަލަ ނިމުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ހުށަހަޅަން އެ ކޯޓުގެ ހުކުމުގައި އަންގާފައިވާ ކަމަށެވެ.



