ކ. މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފްގެ މާފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 10:12 ހާއިރު މާފުށި ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮގުން އިތުރު މައުލޫމާތެއް އަދިއެއް ލިބިފައެއް ނުވެއެވެ.
މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި މިއަދު ރޯވެފައިވާއިރު، ވ.އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް ”ޔަސާވާ ޕްރިންސަސް“ ނަމަކަށް ކިޔާ ސަފާރީއެއްގައި އިއްޔެ އަލިފާން ރޯވެގެން އެމްއެންޑީއެފްއާއި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. އެ ސަފާރީގައި ދަތުރުކުރި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ފުލުހުންނާއި ސިފައިން ކުރި މަސައްކަތުން ވަނީ ސަލާމަތް ކޮށްފައެވެ.



