އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު އަޙްމަދު ސަޢީދެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކުރިއަށް އޮތް 2 އަހަރަކީ، ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރު ކަމަށާއި އޭގެ ތެރޭގައި ވިޔަފާރިވެރިން ޙިއްޞާ ކުރި ގިނަ ކަންތައްތަކުގެ އިތުރުންވެސް އިތުރު ކަންކަން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ މި ނިންމެވުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ 2 އަހަރުގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި 10 ދާއިރާއެއް ހިމެނޭއިރު، އެ ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ ލޯނާއި މެރިކަލްޗާއާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން ސަރުކާރުން ވަނީ 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމާފައިކަމަށެވެ.




