ސަރުކާރުން މިދިޔަ 2 އަހަރުގެ ތެރޭގައި ކުންފުނިތަކަށް ވަނީ 13 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ލޯކަލް ވެންޑަރުންގެ ބިލްތަކަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް ޖުމްލަ 13 ބިލިއަން ރުފިޔާ ވަނީ ދައްކާފައި ކަމަށެވެ.
”އޭގެ ތެރޭގައި 5 ބިލިއަން ރުފިޔާއަކީ އެސްއެމްއީ (ކުދި ވިޔަފާރިވެރިންގެ) ބިލްތައް“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ 2026ވަނަ އަހަރަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
”ކުރިއަށް އޮތް އަހަރަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރު ކަމުގެ އަހަރު ކަމުގައި ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅާފަ. އެގޮތުން އިއްޔެގެ ކެބިނެޓް ބައްދަލުވުމަށްފަހު ކޮންމެ މިނިސްޓްރީއަކަށް އެމަނިކުފާނުވަނީ މެންޑޭޓެއް ކަނޑައަޅާފަ“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.



