ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ޚަލީލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން ގެ ހިލޭ އެހީ ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ޑރ. ޚަލީލް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މިގޮތުން ކޮށްދެއްވާފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މުހިއްމު ތިން މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫއާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.



