މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ކުށަަށް އިއުތިރާފްވެފައިވާ އިމިގްރޭޝަންގެ އޮފިސަރު އަހްމަދު ލައްސާން މ. ހަޒާރީވިލާ ނުވަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވެސް މަގާމުން ވަކިކޮށް ހައްޔަރުކުރިއިރު، އޭނާއާއެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ވެސް ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ލައްސާން ވެސް ހިމެނެއެވެ.
އެމީހުން ހައްޔަރު ކުރީ އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި ލައްސާން ކުށަށް އިއުތިރާފްވެ، އޭނާގެ މައްޗަށް ދެ ދައުވާއެއްގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
އެއީ:
° ފޭރުމުގެ ކުށުގެ ދައުވާ: ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުން
° ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: 2 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުން
މި ވަގުތު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ލައްސާނުގެ މައްޗަށް ކޯޓުން އަދަބު ކަނޑައެޅީ ދައުލަތާ އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.




