ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ދިޔުމަށް ހިއްކައިގެން ތައްޔާރުކުރި ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައިކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައި ވަނީ ކުޑަގިރި ވިއްކާލަން އުޅޭ ކަމަށް ބުނާ ޚަބަރުތައް މިއަދު ފެތުރިފައި ވަނިކޮށްނެވެ. ރާއްޖޭގެ މީޑިއާއެއްގައިވެސް މިއަދު އެރަށް ޓޫރިޒަމްއަށް ތަރައްގީކުރަން އުޅޭކަމުގެ ޚަބަރު މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވޮލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ހަވާލާދީ ގެނެސްފައި ވެއެވެ.
އެހެންނަމަވެސް މިރޭ ހީނާ އެކްސްގައި ހިސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައިކަމަށެވެ. އަދި، މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރިދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދްމަތްލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރާނެކަމުގެ ޔަގީންކަން ހީނާވަނީ ދެއްވާފަ އެވެ.
ކުޑަގިރި ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި އިބްރާހިމް މުަހައްމަދު ސާލިހުގެ ސަރުކާރުން ތަރައްގީކޮށްފައިވަނީ، ކުރިން މާލޭ ރައްޔިތުން ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ބޭނުންކުރި ކުޑަބަނޑޮސް ޔާމީން އަންދުލްގައްޔޫމްގެ ސަރުކާރުަގައި ރިސޯޓެއް ހަދަން ކަނޑައެޅުމާއި ގުޅިގެން ރައްޔިތުންނަށް އާއިލާއާއެކު ޕިކްނިކް ދާނެ ތަނެއް ހަމަޖައްސައި ދިނުމުގެ ގޮތުންނެވެ.
އެރަށް ތަރައްގީކޮށްފައިވަނީ، ކެފޭ އާއި ފިހާރައާއި،ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާ ބަރިއަކާއި، އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތަކާ އެކުގައެވެ. ކައިރީގައި 1.5 ހެކްޓަރުގެ ފިނޮޅެއްވެސް އޮވެއެވެ.




