އެތައް ބައެއްގެ ހޫނު ތަރުހީބެއް ލިބެމުން އަންނަ ކާމިޔާބު ދިވެހި ފިލްމު ”ލިލީ“ ގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ޝޯތަކުގެ ބުކިންނަށް މިހާރު ހުޅުވާލައިފިއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ޕްރިމިއަރ ކޮށްފައިވާ ”ލިލީ“ މިމަހުގެ 21 ވަނަ ދުވަހު އަނެއްކާވެސް މިވަނީ ބެލުންތެރިންނަށްޓަކައި އޮލިމްޕަހު ސްކްރީނަށް އެނބުރި އައިސްފައެވެ. ނަމަވެސް މިފަހަރު އިހުނަށްވުރެ ގަދަކޮށް އަދި އެހާމެ ތަފާތުކޮށެވެ.
”ލިލީ“ އަށް ލިބިފައިވާ ހޫނު ތަރުހީބު އެންމެ ބޮޑަށް ދައްކުވައިދީފައިވަނީ، ފިލްމު ބަލައި ނިމުމަށްފަހު ބެލުންތެރިންގެ މޫނުމަތިން ފެންނަ ހިފެހެއްޓުމެއްނެތް އަސަރުގަދަ ޝުއޫރުތަކުންނެވެ. އެގޮތުން ގިނަ މީހުން މި ފިލްމު ބަލާފައި ނިކުންނައިރު ހުންނަނީ ރޮވިފައެވެ. އެމީހުން ބުނި ގޮތުގައި، ރާއްޖޭގައި އެތައް އާއިލާއަކަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް، އަދި އެތައް އާއިލާއަކުން ސިއްރުކޮށްފައިވާ މި ނޭދެވޭ ބޮޑު މައްސަލަ، ”ލިލީ“ އިން ވަނީ ވަރަށް ފުރިހަމަ ކަމާއެކު ގެނެސްދީފައެވެ.
”ލިލީ“ އޮލިމްޕަހު ސްކްރީނަށް އެނބުރި އައިސްފައިވާއިރު، މިހާތަނަށް ދެއްކި 9 ޝޯވެސް ވަނީ ހައުސްފުލް ވެފައެވެ.
މި ފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ހިމެނެނީ އައިޝާ އަލީ، އަހްމަދު ޝާރިފް، މުޙައްމަދު އިޝްފާން އަދި މަރިޔަމް ޝިމާ އެވެ.
ކްރިއޭޓިވް ނެޓްވޯކްގެ ފަރާތުން މުހައްމަދު އަރީހު ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމު ލިޔެ ޑައިރެކްޓު ކޮށްފައިވަނީ އަޒްހާން އިބްރާހިމް އެވެ.
”ލިލީ“ ފިލްމުގެ ޓިކެޓު ވިއްކަނީ އޮލިމްޕަސް ޓިކެޓު ކައުންޓަރުގެ އިތުރުން 7505079 ނަންބަރުން ވައިބަރ މެދުވެރިކޮށެވެ. މީގެ އިތުރުން ފިލްމުގެ ރަސްމީ ވެބްސައިޓު http://book.lilythemovie.com/ އިންވެސް ޓިކެޓު ގަނެވޭނެ އެވެ.



