ފުލުހަކަށް އިންޒާރުދީ މާރާމާރީ ހިންގުމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި ދިވެހި ތިން ފިރިހެނަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ފުލުހުންގެ ދައުރަށް ހުރަސްއަޅައި ފުލުހަކަށް އިންޒާރުދިނުމުގެ އިތުރުން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ތިން މީހުންނަކީ 19 އަހަރާއި 22 އަހަރާއި 30 އަހަރުގެ ތިން ފިރިހެނުންނެވެ.
އެގޮތުން އެ ތިން މީހުންނަށް ކުރަނީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމާއި ބިރުދައްކައި އިންޒާރު ދިނުމާއި މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
ނަމަވެސް އެ މީހުން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އެ މައްސަލައިގައި ބަންދުކުރި މީހުންގެ ތެރޭގައި ހިމެނޭ ނަވާރަ އަހަރުގެ ޒުވާނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި އިރު ތިރީސް އަހަރުގެ ފިރިހެން މީހާ ދެ ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ދެ މީހުންނަކީ ވެސް ހައްޔަރާއި ބަންދުގެ ރިކޯޑު އޮތް ދެ މީހުންނެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ބާވީސް އަހަރުގެ ޒުވާނާ ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.



