އިސްރާއީލުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭސް ބޭނުންކުރާތީ ޣައްޒާއަށް އިންސާނީ އަދި ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޣައްޒާގެ އޮފިޝަލުން ދީފި އެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ އިސްމާއީލް އަލް ތަވާބްތޭ ވިދާޅުވީ، އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލި އިރު ވެސް އެ ގައުމުގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ހީނަރުވެފައިވާ ހާލަތެއްގައި ކަމަށެވެ.
“ ހޭނައްތާ ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ނުލިބުމުގެ ސަބަބުން އޭރު ވަނީ ބައެއް ހޮސްޕިޓަލްތަކުގައި ކުރާ ސާޖަރީތައް ކޮންމެވެސް ވަރަކަށް ނުވަތަ އެއްކޮށް ހުއްޓާލާފައި.“ އޭނާ ވިދާޅުވި އެވެ.
ތަވާބްތޭ ވިދާޅުވީ ސާޖަރީތައް ހުއްޓާލުމަކީ ބޮޑެތި އަނިޔާތައްވެފައިވާ ބަލި މީހުން މަރުވުމާއި ދާއިމީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމެކެވެ.
ޣައްޒާގެ ސިއްހީ ނިޒާމް ”ޕެރަލައިޒް“ވެފައި ވާތީ 500،000 އަށް ވުރެ ގިނަ ސާޖަރީ ޕްރޮސީޖާތައް މިހާރުވެސް ވަނީ މަޑުޖައްސާލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ހެލްތު މިނިސްޓްރީގެ އިންޒާރުތަކަށް ބަލާއިރު ހާލަތު ވަރަށް ނާޒުކު އަދި ބައެއް ހޮސްޕިޓަލްތައް މުޅިން ސުންނާފަތިވެފަައި ވަނީ.. ބާކީ ހުރި ހޮސްޕިޓަލްތައް ކެޕޭސިޓީއަށް ވުރެ އިތުރަށް އޮޕަރޭޓް ކުރަމުން ދަނީ ތެލުގެ ދަތިކަމާއި، މުވައްޒަފުންގެ ދަތިކަމާއި، އޮޕަރޭޝަނަލް ކެޕޭސިޓީ ދަށްވެފައި،“ އޭނާ ވިދާޅުވި އެވެ.
އަލް ތަވާބްތޭ ވިދާޅުވި ގޮތުގައި ޣައްޒާއަށް އެތެރެވާ ސިއްހީ ސާމާނުގެ ބޭނުންކުރެވެނީ އެންމެ 10 ޕަސެންޓު ކަމަށެވެ.
އަދި އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ވަނީ ސަލާމަތީ ގޮތުން ދޮގު ބަހަނާއެއް ދައްކައިގެން ޒަރޫރީ ސިއްހީ ސާމާނުތައް އެތެރެކުރުން މަނާކޮށްފަ އެވެ. މި ސިޔާސަތަކީ ނަސްލު ނައްތާލުމުގެ އެ ހަނގުރާމައިގައި އާންމުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭސް ބޭނުންކުރުން ކަމަށް ތަވާބްތޭ ވިދާޅުވިއެވެ.



