ޣައިރުދީންތަކުގެ ޢީދުތަކުގައި މުސްލިމުން ބައިވެރިވުމުން ދުރުހެލިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”އިސްލާމީ ހަޟާރާތުގެ ރަންޒަމާން“ މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާއެކު ސާބިތުވެ ތިބެގެން ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށެވެ.
އިސްލާމީ އުންމަތް މިއަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއް.. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމެއް.“ ހުތުބާގައި ބުނެފައި ވެއެވެ.
”مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ މާނައީ: ބަޔަކު މީހުންނާ ވައްތަރުވެގަތް މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ.“ ރަސޫލާ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް ކަމަށާއި އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތައް ކަމަށެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ ހިޖުރައިން ތިން ވަނަ ގަރުނުގެ ފަހުކޮޅު މުސްލިމުން ޢުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ.
އަންދަލުސްގައި މުސްލިމުން ވެރިކަންކުރަން ފެށި އިރު، އެ ސަރަހައްދު އޮތީ ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއް ފަދައިން އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢިލްމީ ގޮތުން، ވަރަށް ވެސް ދަށް ފެންވަރެއްގައި ކަމަށާއި ނަމަވެސް އެ ތަނުގައި މުސްލިމުންގެ ވެރިކަން ގާއިމުވެ، ހިޖުރައިން ތިންވަނަ ޤަރުނުގެ ފަހުކޮޅު، މުޅި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީކަމުގައި، މުސްލިމުން ވެރިކަންކުރަމުން ދިޔަ އަންދަލުސްގެ ޤުރްޠުބާ ވިކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވެއެވެ.




