ސަރުކާރުގެ ވިސްނުން ހުރީ ސްޓެލްކޯއިން ޚިދުމަތްދެމުން އަންނަ 33 ރަށުގައިވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަަރަންޓްދިނުމަށްކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ އެކުންފުނިން ޚިދުމަތްދެމުންދާ 33 ރަށުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އެގޮތުން 5 ރަށެއްގައި މީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މިހާރު އެމަސައްކަތުގެ ބިޑް ޕްރޮސެސް ނިމި، މިމަހު ކޮންޓްރެކްޓަރަށް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށްގެންދަން ރާވާފައިވާކަމަށް ފަހުމީ ވިދާޅުވި އެވެ. މިމަސައްކަތުގެ ދަށުން މިރަތަށްތަކަށް މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ދެވޭނެކަމަށް ފަހުމީ ވިދާޅުވި އެވެ.
މި އަހަރުގެ ނިޔަލަށް މަދުވެގެން 5 ރަށެއްގައި އިޔާކުރަނިވި ހަކަތައިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާކަން ސްޓެލްކޯއިން ހާމަކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދޭން ފެށުމުން ތެލަށް ކުރަމުން އަންނަ ހޭދަ ކުޑަވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.




