ތަރިކައަކީ ޤައުމެއް ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ބެހޭ ހަރަކާތްތައް ޝަރަފުވެރުކޮށްދެއްވުމަށް ބ.ތުޅާދޫއަށް ވަޑައިގެން، ރޭ ބ.ތުޅާދޫއިން ރ.މީދޫގެ ރައްޔިތުންނަށް ދެއްވި ޚާއްޞަ މަލާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ތަރިކައިގެ ދެ ބާވަތެއްކަމުގައިވާ އުމްރާނީ ތަރިކައާއި މާނަވީ ތަރިއަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދާދޭ އެއްޗަކީ އެ ބައެއްގެ ތަރިކަ ކަމުގައެވެ.
އެބައެއްގެ ނިޝާންތަކާއި އަސަރުތަކާއި އެ ބައެއްގެ ކާބަފައިންގެ ޤާބިލުކަމާއި ކުޅަދާނަކަމުގެ ރަމުޒުތަކާއި އެއިން ލިއްބަދޭ މާނަތަކުގެ އިތުރުން ކާބަފައިން އުފުއްލެވި ތަކުލީފުތަކާއި ވެދެއްވި ޤުރުބާނީތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ގެނެސްދިނުމަކީ މާނަވީ ތަރިކަ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މާނަވީ ތަރިކައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ އެއްބަޔަކު އަނެއްބަޔަކާ ބަދަލުކުރައްވާ ވާހަކަފުޅުތަކާއި ހިއްސާކުރައްވާ ވާސްތާތަކުގެ އިތުރުން ތަޖުރިބާ ކުރައްވާ ތަޖުރިބާތަކަކީ މާނަވީ ތަރިކަ ކަމުގައެވެ.
އަދި އެ ބައެއްގެ ހަނދާންތަކާއި ދިރުންތަކުން ގެނެސްދެނީ އެ ބައެއްގެ ޤައުމިއްޔަތު، އެ ބައެއްގެ އަޚުލާޤު އަދި އެ ބަޔަކީ ކޮންކަހަލަ އިޚްލާސްތެރި ހިތްތަކެއްގެ ބައެއްކަންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ތަރިކައިގެ ޤައުމީ މަޝްރޫޢޫގެ މަޤުޞަދަކީ އެ ޒަމާނަށް މީހުން ގެންދިއުމުގެ އިތުރުން އެންމެންގެ ހިތްތައް އޯގާތެރިކަމާއި އިހުސާންތެރިކަމުން ފުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.




