ވ. އަތޮޅު ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް އިއްޔެ ހެނދުނު 10:06 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިކަމާ ބެހޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ނަމަވެސް މި މައްސަލައާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ ބައެއް ވާހަކަ ފެތުރިފައިވާ ގޮތުގައި، އެ އަންހެން މީހާއަކީ ސިނަމަން ވިލުފުށި ރިސޯޓުގެ މުވައްޒަފެކެވެ.
އަދި އޭނާ ބަލިވެ އިނީ ކައިވެނިން ބޭރުން ކަމަށާއި ބައިގެން ދިޔަ ކުއްޖާ އެއްލާލާފައި އޮތީ އެ ރިސޯޓުގެ ސްޓާފް އެކޮމޮޑޭޝަންގެ ޑަސްބިނަށް ކަމުގައި ވެސް ބުނެފައިވެއެވެ.



