މައްކާގެ ހަރަމްފުޅުގެ އެންމެ މަތީ ފަންގިފިލާއިން، އަމިއްލައަށް މަރުވާންވެގެން ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.
އެމީހާ ސަލާމަތް ކޮށްފައިވަނީ ހަރަމްފުޅުގެ ސެކިއުރިޓީ ގާޑެއް ކަމަށްވާ ރަޔާން ބިން ސައީދް ބިން ޔަހްޔާ އަލް-އަހްމަދު އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި، އެމީހާ ފުންމާލަން އުޅުނުތަން ރަޔާނަށް ފެނި، އޭނާގެ އަވަސް ހަރަކާތުން އެމީހާ ސަލާމަތް ކުރިނަމަވެސް، ރަޔާންއަށް ވަނީ މިހާދިސާގެ ސަބަބުން އެކި ވަރުގެ އަނިޔާވެފައެވެ. އަދި މިވަގުތު އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ސައުދީ އަރަބިއާގެ މިނިސްޓަރ އޮފް އިންޓީރިއަރ ވަލީއަހުދު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ވަނީ މައްކާގެ އެ ސެކިއުރިޓީ ގާޑާއި ބައްދަލު ކުރައްވާ ހާލު ބައްލަވާފައެވެ. އަދި އޭނާގެ ހިތްވަރާއި ކުޅަދާނަ ވިސްނުމަށް ތައުރީފު ވެސް ކުރެއްވިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރަޔާން އަށް ވަނީ މި ހާދިސާގެ ސަބަބުން ކަނދުރާއަށާއި ބުރަކަށްޓަށް އަނިޔާތަކެއް ވެފައެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
އަމިއްލައަށް މަރުވާން ފުންމާލި މީހާވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އޭނާއަށް ދޭންވާ ފަރުވާ ދިނުމަށްފަހު މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.




