އއ ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް މިއަދު އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަމަށެވެ.
އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ޒަރީރާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހުސައިން މުޣްނީއާއި ހިމެންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
- 43,200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުން
- 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- 20 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުން
365 ދުވަސް ތެރޭގައި ނިންމާގޮތަށް ޝަރުޠުކޮށް، މި މަޝްރޫއު ހިންގުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި މަޝްރޫޢަކީ 24.54 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


