ގަވާއިދާއި ހޮލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 66 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލާ ފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް ފެށީ، މިިދިޔަ މަހުގެ ތެރޭގައެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ދައުލަމުގެ މީޑިއާއިން ރޭގައި ދެއްކި ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވީ، ގަވާއިދާއި ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން އެކަމާއި ގުޅުން ހުރި 307 ޝަކުވާއެއް މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް 153 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި، އެތަންތަނުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގާ 66 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ބަންދުކުރި ތަންތަނަށް ބަލާއިރު އެ މިނިސްޓްރީގެ ޤާނޫނުތަކާ ޚިލާފުވެގެން 46 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށާއި، އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން 20 ވިޔަފާރިއެއް ބަންދުކުރި ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު 22 ވިޔަފާރިއެއް އަލުން ހުޅުވަން ހުއްދަދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދެނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަ އެ ފައިސާ ދެއްކުމުން.“ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވިއެވެ.



