ދިވެހި 250 ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ޚާއްސަ ގައުމީ ޕްރޮގްރާމެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ދިވެހި ތެރަޕިސްޓުން ތަމްރީނު ކުރަން އަންނަ އަހަރު ގައުމީ ޕްރޮގްރާމެއް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްޕީޗް ތެރިޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުން ހިމެނޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ޕްރިގްރާމްއާ ގުޅޭ މައުލޫމާތު އަންނަ މަހުން ފެށިގެން ހިއްސާކުރަން ފަށާނެ ކަމަށެވެ.
އާންމު ދިރިއުޅުމުގައި ވާހަކަ ދެއްކުމާއި، އެކިއެކި އާދަތައް ދަސްކުރުމާއި މަސައްކަތްތައް ކުރުމުގައި ދަތިތައް ހުންނަ ކުދިންނާއި މީހުންނަށް، އެ ކަންކަން ދަސްކޮށްދިނުމަށް ދޭ ތެރަޕީ ނެގުމަށް ދައުލަތުން ވެސް އެހީ ފޯރުކޮށްދެއެވެ.
އެގޮތުން އެފަދަ ތެރަޕީތަކަށް ކުރަން ޖެހޭ ޚަރަދުތައް ވެސް އެންސްޕާ މެދުވެރިކޮށް ސަރުކާރުގެ ފަރާތުންވަނީ އެތައް ކުދިންނަކަށް ހަމަޖައްސާ ދީފައެވެ.



