އަންނަ ދިރާސީ އައު އަހަރަށް 30 އިމާރާތެއްގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ވެސް ދިރާސީ އައު އަހަރަށް ތައްޔާރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރެއެވެ.
އެގޮތުން ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ނިންމުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތް ހިމެނެއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޝަފީޢު ރޭގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި މަސައްކަތް ކުރި ވަރަށް ކުރީ ސަރުކާރުތަކުން ކޮށްފައިނުވާ ކަމަށެވެ.
މިގޮތުން ސަރުކާރުގެ ފުރަތަމަ އަހަރުވެސް އާބާތުރަ ފިލުވުމުގެ މަސައްކަތަށް 30 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި، މިއަހަރުގެ މިހާތަނަށްވެސް 70 މިލިޔަން ރުފިޔާ ސްކޫލްތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތަށް ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޫލް ސްކޫލް ކުރިއަށް ގެންދިޔުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާއި އަންނަ އަަހަރުގެ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން 20 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް މިހާރުވެސް ކަނޑައަޅާފައިވާ ކަމަށާއި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް 55 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ ދިރާސީ އަހަރު ބޭނުންކުރެވޭ ވަރަށް 30 އިމާރާތެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށޭނެކަން ވެސް ފާހަގަކުރައްވިއެވެ.
”ފާރާއި، ފުރާޅާއި، ސީލިންއާ އެކިކަންކަން ކުރުމަށްޓަކައި މިހާރު ވަނީ އެލޮކޭޝަންކޮށް ނިންމާފައި. ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތައް އާބާތުރަ ފިލުވުމަށްޓަކައި މި ކުރިވަރަކަށް އެއްވެސް ސަރުކާރަކުން ނެތް މަސައްކަތްކޮށްފައި. މާނައެއް ނޫން އަދިވެސް މަރާމާތައް ޚަރަދުކުރަން ނުޖެހޭނެއޭ. އެއީ ދިގު މުއްދަތަކަށް މަރާމާތުނުކޮށް ދިޔާމާ ހުރި މަރާމާތުތައް އެބަހުރި. އަދިވެސް އެބަހުރި ބޮޑުކޮށް މަރާމާތު ކުރަންޖެހޭ ސްކޫލްތައް.“ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.



