އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “ރިވެލި” ގެ ދަށުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ މިއަދު ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާ ދެ ރައްޔިތެއް ކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ) ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ކަމުގައި ވެސް ފުލުހުން ބުނެފައިވެއެވެ.
މި ގެ ބަލައިފާސްކުރިއިރު އެގޭގެ 3 ފަންގިފިލާ އިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށާއި މި ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ވަނީ ހަވާލުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



